ޒުވާން ވިޔަފާރިވެރިންނަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން" ސްކީމުގެ ދެވަނަ ފިޔަވަހި އިފުތިތާހުކޮށް، ފައިނޭންސް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކީމަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ އީޖާދީ އަދި ބިނާކުރަނަވި ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ސްކީމުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހި އަދި މުދަލެއް ރަހުނުކުރުމަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 7 އިންސައްތައިގެ ފައިދާގެ ރޭޓެއްގައި ދޫކުރާ މި ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ފަށަންޖެހޭނީ 6 މަހުގެ ގްރޭސް ޕީރިއަޑަކަށް ފަހުގައެވެ.
މާލީ އެހީ ދޫކުރުމުގެ ކުރިން، ޒިންމާދާރުކަމާއެކު ވިޔަފާރީގެ މާލީ ހިސާބުތައް ބެލެހެއްޓުމަށާއި ވިޔަފާރި ހިންގުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންކަމަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން ހާއްސަ އޮންލައިން ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ. ފައިނޭންސިންއަށް އެދި ހުށަހެޅޭނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި އޮންލައިން ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށެވެ. ޕްރޮގްރާމް ނިންމުމަށްފަހު، ކަނޑައެޅިފައިވާ ޖުމްލަ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، މި ސްކީމުގެ ފުރަތަމަ ފިޔަވަހީގައި އުންމީދުކުރި މިންވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ މިފަދަ ލުއި ފައިނޭންސިންއަށް ޒުވާނުން ބޭނުންވެފައި ތިބި މިންވަރު ހާމަވާ ކަމެކެވެ. ބީއެމްއެލްއިން ބުނި ގޮތުގައި ފުރަތަމަ ފިޔަވަހި ނިމުނުއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް ޖުމްލަ 300 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.



