އައްޑޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ 2027 ވަނަ އަހަރުގެ ބަޖެޓް ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައިދިނުމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ހުށަހެޅުއްވި އިސްލާހަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމުގެ ކުރިން، މިއަދުގެ ޖަލްސާގައި މެންބަރުން ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓަށް އެއްސެވިއިރު، އެ ވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން 64 މެންބަރުން ވަނީ ސޯދިގުގެ އިސްލާހު ފާސްނުކުރުމަށް ވޯޓުދެއްވާފައެވެ.
އިސްލާހަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންނާއި، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން ހިމެނެއެވެ. އިސްލާހަށް ތާއީދުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
އިސްލާހު ހުށަހަޅުއްވަމުން ސޯދިގު ފާހަގަކުރެއްވީ، އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމާއި، ބަޖެޓް ކޮންޓިންޖެންސީގެ ގޮތުގައި 1,000 މިލިއަން ރުފިޔާ ހިމަނާފައިވާކަން ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމެވެ.
ހިނގަމުންދާ މަޝްރޫއުތަކަށް އިސްކަންދީ، އެ މަޝްރޫއުތައް ބުރޫނާރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާދީފައިވާ ކަމާއި، ސަރަހައްދީ އެއާޕޯޓުތަކުގެ ކެޕޭސިޓީ އިތުރުވުމާއެކު ފަތުރުވެރިން އިތުރުވެފައިވާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ސޯދިގު ވިދާޅުވިއެވެ.
އައްޑޫ އެއާޕޯޓަކީ ދެކުނުގެ ސަރަހައްދުގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް މުހިންމު މަޝްރޫއެއް ކަމަށްވާތީ، މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައި، މަޝްރޫއު ނިންމާނެ މުއްދަތާއި ޖުމްލަ ހަރަދުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައި ބަޖެޓުގައި ހިމެނުމަށް ސޯދިގު ވަނީ ހުށަހަޅުއްވާފައެވެ.





