ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޙިއްސާކުރަންޖެހޭ މިންވަރު %5 އިން %10 އަށް އިތުރުކުރުން ހިމަނައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހަޅުއްވާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
މި އިސްލާޙުގެ މަޤްސަދަކީ ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ އުޞޫލު ހަރުދަނާކުރުމާއި، ކައުންސިލްތަކުގެ ބަޖެޓް ތަންފީޒުކުރުމުގައި ރިކަރަންޓް ޚަރަދު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުމެވެ.
އިސްލާޙުގައި ބުނެފައިވާ ގޮތުގައި، ކައުންސިލްތަކުން އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ނުދައްކާ ހުރިނަމަ، ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ އެ ޓެކުހުގެ ފައިސާ އުނިކުރުމަށްފަހު ބާކީވާ ޢަދަދެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފައިސާ ކައުންސިލްތަކަށް ދޫކުރަންވާނީ އެ އަހަރުގެ ތެރޭގައި ދައުލަތުގެ ކޭޝްފްލޯއަށް ބަލައިގެން ކަމަށް ވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
އަދި ހިނގަމުންދާ މަހެއްގެ ހިލޭ އެހީގެ ފައިސާ ދޫކުރާނީ ފާއިތުވި މަހުގެ ޚަރަދާއި އާމްދަނީގެ ރިޕޯޓުތަކާއި، ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓުގެ ސްޓޭޓްމަންޓުތަކާއި، ކައުންސިލުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާއާއި ކައުންސިލަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ ސްޓޭޓްމަންޓު ފަދަ ލިޔުންތައް ހުށަހެޅުމުން ކަމަށް އިސްލާޙުގައި ބުނެފައިވެއެވެ.





