ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިކަން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިޢުލާނުކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް އިޢުލާނުކުރެއްވި ގޮތުގައި، 241 ކޮމިޓީއަށް ދެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ސ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި އެ ކޮމިޓީއަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ.
އަދި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި އދ. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހަމަޖެއްސެވުން ވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، ޕީއެންސީގެ ފަރާތުން އެ ކޮމިޓީގައި ދެން އިންނަވާނީ ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
މި ހުރިހާ ބަދަލުތަކަކީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސްލޮޓްތަކަށް ގެނެވުނު ބަދަލުތަކެކެވެ.





