ހުޅުދޫ އާއި މީދޫގެ ބޯހިޔާވަހިކަމާއި ހޮސްޕިޓަލުގެ މަޝްރޫއުތައް ބަޖެޓުގެ ތެރެއިން ކުރިއަށްދާނެ: މެންބަރު ޝާހިދު

އައްޑޫ ހުޅުދޫ އާއި މީދޫގައި އަޅާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއާއި ޒަމާނީ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، ހުޅުދޫ އާއި މީދޫގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، 100 ހައުސިންގ ޔުނިޓުގެ މަޝްރޫއު ކުރެހުމާއެކު ބަޖެޓު ފޮތުގައި ހިމެނޭ ކަމަށެވެ. އަދި ހޮސްޕިޓަލް އެޅުމަށް ވެސް ބަޖެޓު ކަނޑައަޅާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބައެއް ކަންކަމަށް ލަސްކަމެއް އައިސްފައިވަނީ ރައްޔިތުންގެ ބޭސްފަރުވާއާއި ތައުލީމު ފަދަ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް އެންމެ އިސްކަންދޭންޖެހޭތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ވެވަޑައިގެންނެވި ތަރައްގީގެ އެއްވެސް ވައުދަކަށް މަޑުޖެހުމެއް ނާންނަ ކަމަށާއި، މަޝްރޫއުތައް ތަރުތީބުން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ބޮޑެތި ލޯނުތައް ނަގައި ރައްޔިތުން ދަރަނިވެރިކުރުވި ނަމަވެސް، އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނިންމާފައި ނުވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް