އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލިޔަސް، އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އައުން މުތުލަގަށް މަނާކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދެވެ. ބިލުގެ އިބްތިދާއީ ބަހުސް ނިންމުމުން ނެގި ވޯޓުގައި ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
މިހާރު އަމަލުކުރާ ޤާނޫނުގައި އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އައުން މަނާކޮށްފައި އޮންނަނީ، 7 އޮކްޓޫބަރު 2023 ގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ވަގުތީ ގޮތެއްގައެވެ. ނަމަވެސް އާ ބިލުގައި ވަނީ، ހާލަތަށް ރިއާޔަތްނުކޮށް، އެއްވެސް ޝަރުތަކާ ނުލައި އެ މަނާކުރުން ދާއިމީ ގޮތެއްގައި ކަނޑައަޅާފައެވެ.
ބިލުގައިވާ ގޮތުން، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ގާއިމުކުރެވޭނެއެވެ. އަދި ރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ވަޒީރެވެ.
މީގެ އިތުރުން، ކުރުން މަނާ ކަންތައްތަކާއި ކުށްތަކާއި، އެ ކުށްތަކަށް ކަނޑައަޅާ އަދަބުތަކާއި ޖޫރިމަނާތަކުގެ ތަފްސީލުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.





