އެކުވެރި ޢަރަބި އިމާރާތުގެ އީގަލް ހިލްސްއާއެކު ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫޢާ ގުޅުންހުރި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
މިއަދުގެ ޖަލްސާގައި ބިލު ބަލައިގަތުމަށް 42 މެންބަރުން ވޯޓުދެއްވިއިރު، 13 މެންބަރުން ވޯޓުދެއްވީ ބަލައިނުގަތުމަށެވެ. ބިލު ދިރާސާކުރުމަށް ވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ.
ބިލުގައި ވަނީ، ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ އެ ޤައުމެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ޒޯނުގެ ޖުމްލަ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށް ވުރެ އިތުރަށް މިލްކު ނުކުރެވޭ ގޮތަށް ހިފަހައްޓާފައެވެ. ރާއްޖެ އެތެރެވުން މަނާ މީހުންނަށާއި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ މީހުންނަށް ޒޯނުން ޕްރޮޕަޓީ ވިއްކުމާއި ކުއްޔަށް ދިނުން ވެސް މަނާކަމެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ގޮތުގައި ބިމުގެ ޕްރީމިއަމް ނުވަތަ ޕްރޮޕަޓީ ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 10 އިންސައްތަ، އަދި ވިޔަފާރީގެ ފައިދާއިން ވަކި އިންސައްތައެއް ނެގުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ރާއްޖޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ވެސް ރާއްޖޭގެ ޤާނޫނު ހިނގާނެ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ. ޖުވާކުޅުމާއި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ނުކުރެވޭނެއެވެ.
މި ބިލު ހުށަހަޅާފައިވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްޤީކުރުމަށް، އީގަލް ހިލްސްއާއެކު ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުއެވެ. ސެޕްޓެމްބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއެވެ.





