ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗާއި ރަސްފަންނު ހިމެނޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް ކައުންސިލުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ކައުންސިލުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މާލޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން އެންމެ މުހިންމު 14 ސަރަހައްދެއް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރަށް ނަގަން ނިންމި ކަމަށް ބުނެ ހައުސިން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިޢުލާނަކާ ގުޅިގެންނެވެ.
ކޯޓުން ނެރުނު ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް މި މައްސަލައިގައި ފުރިހަމަވެފައެއް ނުވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ލިބިދީފައިވާއިރު، އިޖުރާއަތުތައް ފުރިހަމަވެފައިވޭތޯ ބަލަންޖެހޭނީ މައި ދައުވާގެ ތެރެއިން ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އަދި ވަގުތީ އަމުރު ނުނެރެފިނަމަ، މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން އަނބުރާ އިޢާދަނުކުރެވޭނެ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު މަޞްލަޙަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށް ވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.
ނަމަވެސް، މި މައްސަލައިގެ މައި ދައުވާ ކޯޓުގައި ކުރިއަށްދާނެ ކަމަށް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރަށް ނަގަން ނިންމި ބިންތަކުގެ ތެރޭގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ކާނިވާ ސަރަހައްދު ވެސް ހިމެނެއެވެ.





