ވޯޓު ހޯދުމުގެ އުންމީދުގައި ވަޒީފާ ބެހުމުން ކުރެވެނީ ބޮޑު އިސްރާފެއް: ނަޝީދު

ސަރުކާރުން ވަޒީފާތައް ބަހަމުން ގެންދަނީ ވޯޓު ހޯދުމުގެ އުންމީދުގައި ކަމަށާއި، އެގޮތުން ކުރެވެމުންދާ އިސްރާފް އިންތިހާއަށް ބޮޑު ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމިޓީގެ ފަރާތުން "ދަރަނި ބޮޑުވެ، ޚިދުމަތް ކުޑަވުން" މި ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ޚަރަދު ކަމަށާއި، މުސާރައިގެ ޚަރަދަށް 14.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ.

ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ތިބެންޖެހޭ މިންވަރަށްވުރެ ގިނައިން ކަމަށާއި، އެއް މެގަވަޓް ކަރަންޓް ވެސް ނުއުފައްދާ އިންޖީނުގެއެއްގައި 50 އެއްހާ މުވައްޒަފުން ތިބޭއިރު، ފަސް މެގަވަޓް ކަރަންޓް އުފައްދާ ރިސޯޓެއްގެ އިންޖީނުގޭގައި ތިބޭނީ ފަސް ވަރަކަށް މުވައްޒަފުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަޖެޓު ފޮތުގެ ތަފުސީލުތަކުން ދައްކާ ގޮތުގައި، ކުރީގެ ސަރުކާރުގެ 2023 ދައުރު ނިމުނު ގެ ނިޔަލަށް ސަރުކާރުގައި 48،936 މުވައްޒަފުން ތިބިއިރު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 6،530 މުވައްޒަފުން އިތުރުވެ، މިހާރު އެ އަދަދު 55،466 އަށް އަރާފައިވާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވަޒީފާ ބަހައިގެން އެއްވެސް ސަރުކާރަކަށް ވޯޓު ލިބިފައި ނުވާ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް، އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި މިހާރުގެ ސަރުކާރަށް ވެސް އެގޮތުން ވޯޓު ނުލިބުނު ކަމަށެވެ.

ވޯޓު ހޯދުމުގެ ނިޔަތުގައި ބަހާ ވަޒީފާތަކަކީ ދެމެހެއްޓެނިވި ވަޒީފާތަކެއް ނޫން ކަމަށާއި، ހަގީގީ ދެމެހެއްޓެނިވި ވަޒީފާތަކަކީ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށްގެން އުފައްދާ ވަޒީފާތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް