ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމާއި ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.
މާލެއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އެމްއެންޑީއެފުން ބުނީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މެންދުރު 12:00 އިން ހަވީރު 17:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވެފައިވާތީ އެއްގަމާއި ކަނޑުގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށާއި، ފެންބޮޑުވެދާނެ ހާލަތްތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.





