ޑިގްރީ ފުރިހަމަކޮށްގެން ވަޒީފާ ހޯދަމުންދާ ހުރިހާ ޒުވާނުންނަށް ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި "ވަރަ އެކްސްޕޯ 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ޙާޞިލުކުރަންޖެހޭ މުހިންމު އަމާޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށާއި، ވަރަ އެކްސްޕޯއާއެކު ފެށުނީ އެ އަމާޒުތަކަށް ވާޞިލުވުމަށް ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް އިޙްސާން ވިދާޅުވިއެވެ.
"އެއްކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން، ޑިގްރީ ހަދައިގެން ތިބި، ވަޒީފާ ސީކުރަމުންދާ ހުރިހާ ޒުވާނުންނަށް މާތް ﷲގެ އިރާދަފުޅާއެކު މި ދައުރު ނިމުމުގެ ކުރިން ވަޒީފާ ފުދުންތެރިވެ، ވަޒީފާއެއް ލިބި، އަދި އެ މީހަކު ފަޚުރުވެރިވާ ފަދަ ވަޒީފާއެއް އަދާކުރެވޭނެ ފުރުޞަތު ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ. އަޅުގަނޑުމެން މިއަދު މި ފަށައިގަންނަ މަސައްކަތަކީ އެ ކަމުގެ ޢަމަލީ މަސައްކަތް ޑެލިވަރކުރުމުގެ މަސައްކަތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޖުތިމާޢީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އެ މާހައުލުން ނެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގޭންގު ކުށްތައް ހުއްޓުވައި، މުޅި މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިޖުތިމާޢީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް އޮތް އެންމެ ބޮޑު ހައްލަކީ، ޒުވާނުން ޤައުމަށް ބޭނުންތެރި، ހުނަރުވެރި ދާއިރާތަކުން ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރާ ބަޔަކަށް ބަދަލުވުން ކަމަށާއި، މި މަސައްކަތުގައި ވަޒީފާދޭ ފަރާތްތަކާއި ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ދާޚިލީ ވުޒާރާއިން ބާއްވާ ވަރަ އެކްސްޕޯ، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.





