ދ. ރިނބުދޫގައި ޢިމާރާތްކޮށްފައިވާ، 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލް "ބަނދަރުހިޔާ" ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ރިނބުދޫއަށް ވަޑައިގެންނެވުމުން، ރަށު ކައުންސިލާއި ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ބަނދަރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މިރޭ ރިނބުދޫގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަށު ކައުންސިލުން ވަނީ ރިނބުދޫގެ ރައްޔިތުންނަށް އެދިފައެވެ.
ބަނދަރުހިޔާ ތަރައްޤީކޮށްފައިވަނީ ރަށު ކައުންސިލުގެ އިސްނެގުމުގައި، ބަނދަރު ސަރަޙައްދުގައެވެ. މި ތަން ގާއިމުކޮށްފައިވަނީ ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ.





