35،000 އަށްވުރެ ގިނަ ޒުވާނުން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރާ ވަރަ އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

ވަޒީފާއާއި ހުނަރުގެ އެންމެ ބިޔަ ހަރަކާތް ކަމުގައިވާ "ވަރަ އެކްސްޕޯ 2026" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.

އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، 35،000 އަށްވުރެ ގިނަ ޒުވާނުން އެކްސްޕޯއަށް އައިސް، ހުށަހަޅާފައިވާ ވަޒީފާތައް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ވުޒާރާއިން ކުރާ އެންމެ މުހިންމު މަސައްކަތަކީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާއި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވާ މި އެކްސްޕޯ ބަހާލާފައިވަނީ 4 ޒޯނަކަށެވެ. ކެރިއަރ ޒޯނުގައި 34 ބައިވެރިން، އެޑިއުކޭޝަން ޒޯނުގައި 32 ބައިވެރިން، ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯނުގައި 19 ބައިވެރިން އަދި މާކެޓް ޒޯނުގައި 73 ބައިވެރިން ހިމެނެއެވެ.

ރަސްމިއްޔާތުގައި "އަމާންކަމާއި ޚިދުމަތްތައް ބަދަލުކުރުމުގެ އައު ޒަމާނެއް" ނަމުގައި ފޮތެއްވެސް ނެރެފައިވެއެވެ.

މިދިޔަ އަހަރުގެ ވަރަ އެކްސްޕޯއަށް 30،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، 1،100 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުށަހަޅާފައިވެއެވެ.

ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ހުޅުވާލާފައިވާ މި އެކްސްޕޯއަށް ވީހާވެސް ގިނަ ޒުވާނުންނާއި ޢާންމު ރައްޔިތުން ޒިޔާރަތްކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް