ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހުރިހާ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް، މިއަދު ހެނދުނު ބޭއްވި ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި ނިންމައިފިއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ބުނީ، ހުރިހާ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މީގެ ކުރިން ނިންމާފައި ކަމަށާއި، އޭޖީއެމްގައި ނިންމީ ބޯޑުގެ އެ ނިންމުމަށް ތާއީދުކޮށް ފާސްކުރުމަށް ކަމަށެވެ.
ކުންފުނީގެ އުސޫލުގެ ތެރެއިން، ބޯޑުން ނިންމާ މިފަދަ ނިންމުމެއް އަހަރީ އާންމު ބައްދަލުވުމަށް ހުށަހަޅައިގެން ފާސްކުރަން ޖެހެއެވެ.
ނަމަވެސް، މި އަހަރު މުވައްޒަފުންނަށް ދޭނެ ބޯނަހުގެ އަދަދެއް އެމްއޭސީއެލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްއޭސީއެލްގައި މިހާރު 5،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.





