ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ކުރަމުން ގެންދިޔަ ހުރިހާ މަސައްކަތްތަކާއި މަޝްރޫޢުތަކެއް، ދިވެހި ރައްޔިތުންގެ ވެސް ހިއްސާ އޮންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އާންމު ބަޔާނެއްގައި ވަނީ، އާރްޑީސީ އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހާމަކޮށްފައެވެ. އެގޮތުން، މީގެ ކުރިން އާރްޑީސީން ހިންގަމުން އައި އަދި މިހާރު ކުރަމުންދާ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އާރްޑީސީން މިހާތަނަށް ކުރި މަސައްކަތްތަކާ ގުޅޭ އެންމެހައި ޒިންމާއާއި މަސްއޫލިއްޔަތު ވެސް އުފުލާނީ އެމްޓީސީސީންނެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ވަނީ ސެޕްޓެމްބަރު މަހު ނިންމާފައެވެ. އޭގެ ފަހުން އޮކްޓޫބަރު މަހު، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ބޯޑުން އިބްރާހީމް ނަޒީމް ވަކިކުރައްވައި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަޙްމަދު ސައުދީ ވަނީ ހަމަޖައްސަވާފައެވެ.





