ރުކުގެ އާއިލާގެ ގަސްތަކަށް ބޮޑެތި ގެއްލުންތައް ދޭ "ރެޑް ޕާމް ވީވިލް" ނުވަތަ ރަތްމަޑި އައްޑޫ ސިޓީގެ ބައެއް ރަށްރަށުން ފެނުމާ ގުޅިގެން، އެ މަޑި ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުން ހުއްޓުވުމަށް އައްޑޫއިން ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން މަނާކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މަޑި ފެނިފައިވާ ރަށްރަށުގެ ރުއްތަކުގައި ބޭސް ޖެހުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަޑި ކޮންޓްރޯލްކުރުމަށް ޕެރޮމޯން ޓްރެޕް ބޭނުންކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޑީގެ ލާވާގެ މަރުޙަލާގައި ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކައި ހަލާކުކުރެއެވެ. އެ ގެއްލުން ބޭރުފުށުން ފެންނަން ނުހުންނާތީ، ރުކަށް ގެއްލުން ލިބެމުންދާކަން ފާހަގަކުރެވެނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަތުމަށް ފަހުގައެވެ. މިކަމުގެ ސަބަބުން ރުކުގެ ކުރި އަވަހަށް މަރުވެ، ފަހުން މުޅި ރުއް މަރުވެއެވެ.
މަޑި ފެތުރުން ހުއްޓުވުމަށް މަޑި އުޅޭ ރުއްތައް އަވަހަށް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.





