ވ. ތިނަދޫގެ ގެސްޓްހައުސްއެއްގައި ދެ އަންހެނުންގެ ކައިވެނީގެ ހަފުލާއެއް ބޭއްވުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ވ. ތިނަދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބޭއްވުމާ ގުޅިގެން، އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ރަށު ކައުންސިލުން މައްސަލަ ބަލައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ގެސްޓްހައުސްގައި ހަފުލާ ބާއްވައި ދެ އަންހެނުން ކައިވެނިކޮށްދީފައިވަނީ މި މަހުގެ 23 ވީ ހޯމަ ދުވަހު ކަމަށެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދޭން ކައުންސިލުން ވަނީ އެދިފައެވެ.

ބަޔާނުގައިވާ ގޮތުން، އެއްޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ކޮންމެ ހަރަކާތެއް ވެސް ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ ކަމެކެވެ. އެފަދަ އަމަލެއް ތިނަދޫގައި ހިންގުމުން ރަށާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، ރައްޔިތުންނަށާއި ރަށުގައި ހިންގަމުންދާ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރަށުގެ އާންމު ސަރަހައްދުތަކާއި ގެސްޓްހައުސްތަކުގެ ކުރިމަތީގައިވާ ގޮނޑުދޮށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ވެސް، އެ ތަންތަން ބޭނުންކުރަންވާނީ ޤާނޫނާއި ގަވާއިދުން ހުއްދަކުރާ ކަންކަމަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.

އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމަކަށް ކައުންސިލުން ތާއީދު ނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ލޯކަލް ޓޫރިޒަމަކީ ތިނަދޫގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިންމު ދާއިރާއަކަށް ވާތީ، ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓޫރިޒަމް ޚިދުމަތްދޭ ވިޔަފާރިތަކުން ޤާނޫނުތަކާއި އިސްލާމްދީނާ ޚިލާފު ހަރަކާތްތައް ނުހިންގުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް