ސިއްހީ ހާލަތު ގޯސްވުމުން، ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ފެނަކަ ދީނާ ގެއަށް ބަދަލުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދިނުމުން، ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ އޭނާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

މި މައުލޫމާތު ދީފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ. ދީނާ ގޭބަންދަށް މި ބަދަލުކުރީ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވިތާ މަހެއްހާ ދުވަސް ވެސް ނުވަނީހެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދީނާގެ މައްޗަށް އިއްވީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމް އިއްވި އަޑުއެހުމުގައި، ނޭވާލާ ނިޒާމުގެ ބައްޔެއް ހުރުމާއި ތުއްތު ކުދިންތަކެއް ބަލަހައްޓަމުން އަންނަ އެކަނިވެރި މައަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދު ނުވަތަ ޖޫރިމަނާއެއް ކަނޑައެޅުމަށް ދީނާގެ ފަރާތުން އެދުނެވެ. ނަމަވެސް، އެކަށީގެންވާ ސިއްހީ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާތީއާއި، މިއީ މުޖުތަމަޢުގެ މަސްލަހަތާ ގުޅިފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާތީ، އަދަބު ލުއިކޮށް ނުދެވޭނެ ކަމަށް ޝަރީއަތުން އޭރު ނިންމިއެވެ.

ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވީ، 2018 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުމަކާ ގުޅިގެންނެވެ. މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި، އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ފައިސާ ދޫކުރުމުގެ މެމޯ ތައްޔާރުކޮށް އޭނާ ސޮއިކުރި ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

އަދި 2018 ވަނަ އަހަރު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސީސީޓީވީ ކެމެރާއާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހަރުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫޢުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައި ދީނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ބްލޭޒަން އިންކްގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، ކޯޓުން ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ވެސް މިހާރު ހުންނަވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް