ހުޅުމާލޭގައި 9 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި، ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ބެލެވޭ ކާރުގައި ރޭ ދަންވަރު އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 02:15 ހާއިރު ކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ، 02:26 ހާއިރު އަލިފާން އެއްކޮށް ނިއްވާލި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އަލިފާން ރޯވި ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ކާރާ ވަރަށް ކައިރީގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
ކާރުގެ ރަޖިސްޓްރީ ނަންބަރުން ފެންނަ ގޮތުގައި، އަނދާފައިވާ ކާރަކީ ކުއްޖާ ނިޔާވި އެކްސިޑެންޓުގެ ތަޙުޤީޤަށް ހެކި ހޯދުމަށް ފުލުހުން ޓޯކޮށްގެން ގެންދިޔަ ކާރު ކަމަށް ބެލެވެއެވެ. ނަމަވެސް، އެ ކާރު ވެރިފަރާތާ އަނބުރާ ހަވާލުކުރި ވަގުތެއް އަދި ސާފެއް ނުވެއެވެ.
އަލިފާން ރޯވި ވަގުތު ކާރު ޕާކުކޮށްފައި އޮތީ، އެކްސިޑެންޓު ހިނގި ވިނަރެސް ޓަވަރުތަކުގެ އިރުމަތީ ފަރާތުގައި ހުރި ހުސް ގޯތިތަކުގެ ސަރަހައްދުގައެވެ.
ފުލުހުން ކުރިން ހާމަކުރި ގޮތުގައި، އެ އެކްސިޑެންޓް ހިނގީ ވިނަރެސް 7 އާ ދިމާލުގައި މަގުމަތީ މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގައިގެން ދިޔަ މީހެއްގެ ގައިގައި ސައިކަލެއް ޖެހި ސައިކަލު ވެއްޓުމުންނެވެ. ސައިކަލުގެ ފަހަތުގައި އިން ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބުނީ، ފަހަތުން އައި ކާރެއް ކުއްޖާގެ ގައިމަތިން ދިއުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކުއްޖާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކާރުގައި އަލިފާން ރޯވި ސަބަބު އަދި ހާމަވެފައެއް ނުވާއިރު، މި ހާދިސާ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.





