އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ތިންވަނަ ޙައްޖު އުމުރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، ފާއިތުވި އަހަރު ޙައްޖާއި އުމުރާގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމްކުރި 5 ކުންފުންޏަކާއި ޙައްޖު ކޯޕަރޭޝަނަށް ޚާއްޞަ އެވޯޑު ދީފިއެވެ.
އެވޯޑު ލިބުނު 5 ކުންފުންޏަކީ މިސްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ބުރޫޖު ހޯލްޑިންގްސް ލިމިޓެޑް، މީގާތު ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް، އީމާން ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް އަދި ކުރިކީލަ އަލް ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑެވެ.
ކޮންފަރެންސް އަދި އެގްޒިބިޝަން ފެށުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޙައްޖާއި އުމުރާ ޕޯޓަލް ވެސް ވަނީ ލޯންޗްކޮށްފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، ޙައްޖާއި އުމުރާގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ހައްލުތައް ހޯދުމަށް މަގުފަހިކުރުމަކީ މި މަހާސިންތާއިން ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަން ކަމަށެވެ. އަދި މިއީ ވަރަށް އުންމީދީ މަހާސިންތާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވުޒާރާގެ ޢިލްމުވެރިންނާއި ޙައްޖާއި އުމުރާއަށް ގެންދާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވިއެވެ.





