ރާއްޖޭގެ އެންމެ ބޮޑު ވަޤްފް ޢިމާރާތުގެ ފައުންޑޭޝަން ރާފްޓްގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ

ހުޅުމާލޭގައި ބިނާކުރަމުންދާ، ރާއްޖޭގެ އެންމެ ބޮޑު ވަޤްފް ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ޢިމާރާތުގެ ފައުންޑޭޝަން ރާފްޓްގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގައެވެ.

ޖުމްލަ 244 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ޢިމާރާތުގެ ބޭސްމަންޓުގައި ޕާކިންގ ސަރަހައްދެއް ހުންނާނެއެވެ. އަދި ގްރައުންޑް ފްލޯގައި ރިސެޕްޝަނަކާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން، ޒަމާނީ އޮފީސް ޖާގަތަކާއި މީޓިންގ ރޫމުތަކާއި ނަމާދުކުރާ ކޮޓަރިތަކާއި ޑޭ ކެއަރ ސެންޓަރެއް މި ޢިމާރާތުގައި ހުންނާނެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތަކާއެކު ލިފްޓުތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ޢިމާރާތުގެ ފުރާޅު ތަރައްޤީކުރަނީ ހުޅުވާލެވިފައިވާ ޓެރަސްއެއްގެ ގޮތުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް