ހުޅުމާލޭ ވޯޓަރ ތީމް ޕާކުން 500 އާ ވަޒީފާ އުފެދޭނެ ކަމަށް އެޗްޑީސީގެ އެމްޑީ ވިދާޅުވެއްޖެ

ހުޅުމާލޭގައި ތަރައްޤީކުރާ ވޯޓަރ ތީމް ޕާކާއި ހޮޓަލުގެ މަޝްރޫޢު ނިމުމުން މުޅިން އަލަށް 500 ވަޒީފާ އުފެދޭނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ޚާއްޞަކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު މިހެން ވިދާޅުވީ ގާތްގަނޑަކަށް 9 އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓަރ ތީމް ޕާކުގެ ޢަމަލީ މަސައްކަތް އަލުން ފެށުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމްޑީ ވިދާޅުވީ، މި މަޝްރޫޢުން އުފެދޭ ވަޒީފާތަކުގެ 45 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރާނެ ކަމަށެވެ. އަދި އަހަރަކު 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް މި ތަނުން ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް ނެރުމަކީ ވެސް އެޗްޑީސީގެ އަމާޒެއް ކަމަށް ޒުހައިރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 41،500 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ތަރައްޤީކުރާއިރު، މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ބައެއް މަޝްރޫޢުތައް ފަށާފައި ހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، މިހާރު އެޗްޑީސީގެ އެއްވެސް މަސައްކަތެއް ނުވަތަ މަޝްރޫޢެއް ހުއްޓިފައި ނޯންނާނެ ކަމުގެ ޔަޤީންކަން ވެސް ޒުހައިރު ވަނީ ދެއްވާފައެވެ. އެގޮތުން 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓަލުގެ މަސައްކަތް ނިންމައި، މިހާރު ޚިދުމަތް ދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް