އުނގޫފާރު، ގަން އަދި ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެންދިއުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށަނީ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މި ތިން ހޮސްޕިޓަލަށް އަލަށް އަޅާ ޢިމާރާތްތަކުގެ ޑިޒައިން މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަރުޙަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ތަރައްޤީކުރާ ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ވެސް 2027 ވަނަ އަހަރު ފެށޭނެ ކަމަށް ސިއްޙީ ވުޒާރާއިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުތައް ނިމުމުން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެ، އަމިއްލަ ރަށާ ކައިރިން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް