ހުޅުމާލޭގައި އިމާރާތްކުރަމުންދާ "ކޭ-ޕާކް ރެސިޑެންސް" އިން ގަތް އެޕާޓްމަންޓެއް އެއްބަސްވި މުއްދަތުގައި ހަވާލުނުކުރި މައްސަލައިގައި، ގެއްލުމުގެ ބަދަލާއި ޝަރީޢަތުގެ ޚަރަދާއެކު ޖުމްލަ 1،060،000 ރުފިޔާ ދެއްކުމަށާއި، އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާ ދައްކަމުން ގެންދިއުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން މި ހުކުމް އިއްވީ ނ. ހޮޅުދޫ، އޯކިޑްވިލާ، އާމިނަތު ވަދީފާ ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި ދަޢުވާއެއްގައެވެ. ދަޢުވާގެ ލިޔެކިޔުންތައް ހަވާލުކުރުމަށްފަހުވެސް ކަނޑައެޅިފައިވާ މުއްދަތުގައި ކުންފުނީގެ ފަރާތުން އެއްވެސް ޖަވާބެއް ހުށަހަޅާފައި ނުވާތީ، މައްސަލަ ވަނީ ކުންފުނީގެ ޣައިރު ޙާޟިރުގައި ނިންމާފައެވެ.
ކޭ-ޕާކްގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް 1.75 މިލިއަން ރުފިޔާއަށް ގަތުމަށް ވަދީފާއާއި ހަންބޯ ކުންފުންޏާ ދެމެދު 2022 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެއްބަސްވުމުގެ 13.7 ވަނަ މާއްދާގައިވާ ގޮތުން، މުއްދަތުގައި އެޕާޓްމަންޓް ހަވާލުނުކުރެވިއްޖެނަމަ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކޮންމެ މަހަކަށް 25،000 ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަންޖެހެއެވެ.
ހުކުމުގައި ކަނޑައަޅާފައިވަނީ އެ އެޕާޓްމަންޓަކީ ހަންބޯ ކުންފުނިން ވަދީފާއާ ހަވާލުކުރަންޖެހޭ ތަނެއް ކަމަށެވެ. އަދި ޖަނަވަރީ 2023 އިން ޖޫން 2026 ގެ ނިޔަލަށް ބަދަލުގެ ގޮތުގައި އަރާފައިވާ 1،050،000 ރުފިޔާއާއި، ޝަރީޢަތުގެ ޚަރަދަށް 10،000 ރުފިޔާ، ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި އަހަރުގެ ޖޫން މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރެވެންދެން ކޮންމެ މަހަކަށް 25،000 ރުފިޔާ ދައްކަމުން ގެންދިއުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.
ކޭ-ޕާކް އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދި މައްސަލައިގައި، ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވި ހަސަން މަމްދޫހު (މަންޑޭ) އާއި ޖައިޝަން ސަޢީދުގެ މައްޗަށް ކުށް ސާބިތުވެ، ދެ މީހުންނަށް ވެސް ވަނީ ދިގު މުއްދަތެއްގެ ޖަލު ހުކުމް ކޮށްފައެވެ. މި މަޝްރޫޢުން އެޕާޓްމަންޓް ގަތް ގިނަ ބަޔަކު ބަދަލު ހޯދުމަށް ހުށަހެޅި މައްސަލަތަކުގައި، ހަންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މީގެ ކުރިން ވެސް ހުކުމްތައް ކޮށްފައިވެއެވެ.





