ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯނަސް ނުދިނުމުން މުވައްޒަފުން މުޒާހަރާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯގައި ފެންނަނީ، ރޭ އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކުގެ މަންޒަރުތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ވީޑިއޯގައި ފެންނަނީ ވީއައިއޭގެ މުވައްޒަފުންތަކެއް ފުލުހުންނާ ކުރިމަތިލާ މަންޒަރުތަކެކެވެ. ބައެއް މީހުން ވީޑިއޯ ދައުރުކޮށް ބުނެފައިވަނީ، އެއީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދިނުމުން ކުރިއަށްގެންދިޔަ މުޒާހަރާއެއް ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެމްއޭސީއެލުން ބުނީ، އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެއް ކަމަށެވެ.
ސައްޙަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ނުފެތުރުމަށާއި، ކުންފުނީގެ ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތު ދައުރުނުކުރުމަށް އެމްއޭސީއެލުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.





