އަތޮޅުތަކުގައި ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ތިން ފުރޮޅުލީ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށާއި، އެ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކަށް ލުއިތަކެއް ދިނުމަށް އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނީ، ރަޖިސްޓްރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ސަބަބުން، އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއްވަންދެން ދުއްވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ތިން ފުރޮޅުލީ އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކޮށްފައެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ރާއްޖެ އެތެރެކުރިތާ ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓްރީކުރުން ލާޒިމުކުރުމުގެ ކުރިން އެތެރެކޮށް އަތޮޅުތަކުގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ބައެއް ލިޔެކިޔުންތައް ނެތްނަމަ، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި ރަޖިސްޓްރީކޮށްދޭނެ ކަމަށް ވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.





