ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، އެ ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ރޭ 22:50 އެހާކަންހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑު ބަލައިފާސްކުރުމުން ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު 2 ބަޔޮނެޓް ވެސް ވަނީ ފެނިފައެވެ.
އެ ސަރަހައްދުން ފެނުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު 5 މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





