ބެޑްޝީޓުތަކުގެ ތެރެއިން ކެނެބިސް ފެނުނު މައްސަލައެއްގައި ތިނަދޫ މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި

ވައިގެ މަގުން ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރޭގައި ހުރި 14 ބެޑްޝީޓެއްގެ ތެރެއިން ކެނެބިސް ފެނުނު މައްސަލައެއްގައި ހައްޔަރުކުރި 30 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ގދ. ތިނަދޫ، ދޫރަފިޝް، ޙަސަން ޝަމްޢާންއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ކުށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 22 ވަނަ ދުވަހު މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ ގެނައި ރެޑްބޮކްސްގެ ކޫރިއާ ބޭގެއް ކަސްޓަމްސް އޮފިސަރުން އެކްސްރޭކުރުމުގެ ތެރޭގައެވެ. ޝައްކުކުރެވިގެން އެ ބޭގުގައި ހުރި ޕެކޭޖުތައް ކަނޑައި ބެލިއިރު، ބެޑްޝީޓުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ވަނީ ފެނިފައެވެ.

އެ ތަކެތި ތަހުލީލުކުރުމުން ކެނެބިއްސަށް ޕޮޒިޓިވްވެފައިވާއިރު، ޕެކިންއާއެކު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 13.86 ކިލޯ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ޝަމްޢާން ކޯޓުގައި ބުނެފައިވަނީ އެ ޕެކޭޖަކީ އޭނާގެ އަމިއްލަ ނަމުގައި އައި އެއްޗެއް ނޫން ކަމަށާއި، އެއާ ހަވާލުވާން ދިޔައީ ރައްޓެއްސަކު އެދުމުން ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ، ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް