ވިލިމާލޭގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

ވިލިމާލޭގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. އެ އަންހެން މީހާ ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ނިޔާވެފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި އަންހެނަކު އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އެ ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހޮސްޕިޓަލުގައި ބެލިބެލުމުން އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގުނު ކަމަށާއި، އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ކުދިން ކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް