ފައިސާ މާރުކުރާ ތަންތަނުން ނަގުދު ފައިސާއިން ކުރެވޭ މުއާމަލާތް 50،000 ރުފިޔާއަށް ލިމިޓްކޮށްފި

ފައިސާ މާރުކުރާ ތަންތަނުން އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހުގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން ކުރެވޭނެ އެންމެ މަތީ އަދަދު 50،000 ރުފިޔާއަށް ކަނޑައަޅައި، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި އާ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދުގައިވާ ގޮތުން، 50،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާއަށްވުރެ އިތުރުވާ މުއާމަލާތްތައް ކުރަންވާނީ، ރަޖިސްޓަރީކޮށްފައިވާ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. މީގެ އިތުރުން، ދުވަހުގެ ވިޔަފާރި ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ، ޖެހިގެން އަންނަ ރަސްމީ ދުވަހު ބޭންކު އެކައުންޓަށް ޖަމާކުރުން ވެސް ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް މި ގަވާއިދުން އިސްތިސްނާވާއިރު، ގަވާއިދު ހިނގާނީ ވިޔަފާރީގެ ގޮތުގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަންޏެވެ.

އާ ގަވާއިދުގެ ދަށުން، އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް (ކެޓަގަރީ-އޭ) ދިނުމުގެ ލައިސަންސް ދޫކުރާނީ، މި ވިޔަފާރިއަށް ހާއްސަކޮށްފައިވާ އަދި ކުންފުނީގެ މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށް އެކަންޏެވެ. އަދި ކޮންމެ ކޯޕަރޭޓް ގްރޫޕަކަށް ދޫކުރާނީ އެންމެ ލައިސަންސެކެވެ. ރިސޯޓުތަކަށް، އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރު ވެސް ވަނީ ދީފައެވެ.

ފަސް އަހަރުގެ މުއްދަތަށް ދޫކުރާ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 200،000 ޑޮލަރު އެމްއެމްއޭގައި ބަހައްޓަންޖެހޭއިރު، ވިޔަފާރި ހިންގާ މައި ތަނުގެ އިތުރުން ހިދުމަތްދޭ ކޮންމެ ގޮތްޕަކަށް 100،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެއެވެ. ލައިސަންސަށް އެދި ހުށަހަޅާ ފީއަކަށް 40،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ލައިސަންސް އާކުރުމަށް 20،000 ރުފިޔާ އަދި އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަންޖެހެއެވެ.

ހިދުމަތްދޭ ތަނަކީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސިއްރުވެރިކަން ކަށަވަރުކުރެވޭ ފަދަ އޮފީސް މާހައުލެއްގައި ގާއިމުކޮށްފައިވާ ތަނަކަށް ވާންޖެހޭއިރު، ފައިސާ މާރުކުރާ ރޭޓުތައް ފެންނާނެ ޑިޖިޓަލް ބޯޑެއް ބެހެއްޓުމާއި ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދެއް ދޫކުރުން ވެސް ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން، މުއާމަލާތްތަކުގެ ރެކޯޑުތައް މަދުވެގެން ފަސް އަހަރު ދުވަހު ރައްކާކޮށް ބަހައްޓައި، މުއާމަލާތްތައް ވަގުތުން މޮނިޓާކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، އޮޑިޓްކޮށްފައިވާ އަހަރީ މާލީ ހިސާބުތައް އެމްއެމްއޭއަށް ހުށަހަޅަންޖެހެއެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ލައިސަންސް ނެތި މި ވިޔަފާރި ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް