ހދ. ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުޅި އަދި ޗަކަބިންތައް އިއާދަކޮށް ހިމާޔަތްކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދަކުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މަޝްވަރާކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުން ބޭއްވީ މޫސުމީ ވިލުންވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ރިވިއު މިޝަނުގެ ދަށުންނެވެ. ބައްދަލުވުމުގައި، މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރުމަށް ހުށަހެޅިފައިވާ ކޮންސެޕްޓްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން ބުނެއެވެ.
ބައްދަލުވުމަށްފަހު، އޭޑީބީގެ ވަފުދުން ވަނީ ކުޅުދުއްފުށީގެ ކަމާބެހޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލަތު ވަޒަންކޮށްފައެވެ. އެގޮތުން، ވާރޭވެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ފެންބޮޑުވެފައި ހުންނަ ގެތަކާއި، ފެން ބޭރުކުރުމަށް ކަނޑައެޅިދާނެ އައުޓްފޯލް ސަރަހައްދުތައް ވެސް ވަފުދުން ބަލައި ފާސްކޮށްފައިވެއެވެ.
މިފަދަ ބައްދަލުވުންތަކާއި ސައިޓް ވިޒިޓްތަކުގެ ސަބަބުން، ހުށަހެޅިފައިވާ ހައްލުތައް އަމަލީ މައިދާނުގައި ހުރިގޮތް ބަލައި، ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުޞަތު ލިބޭ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ކުޅުދުއްފުށީގެ މުޖުތަމަޢަށް އެންމެ އެކަށޭނަ ގޮތެއްގައި މަޝްރޫޢުގެ ފައިނަލް ޑިޒައިންތައް އެކުލަވާލުމަށާއި، ރޭވިފައިވާ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ވެސް މީގެ ސަބަބުން މަގުފަހިވާނެ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.





