އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތާ ރާއްޖެ ހަވާލުވެއްޖެ

ހުޅުމާލޭގައި މިއަދު ބޭއްވި އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް)ގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައި، އެ ބޯޑުގެ ރިޔާސަތާ ރާއްޖެ ހަވާލުވެއްޖެއެވެ.

މަންހަޓަން ގްރޭންޑް ހުޅުމާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ރާއްޖޭގެ ފަރާތުން ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ފަސޫރާއެވެ.

އަޕްޑިމް އަކީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-އެސްކެޕް)ގެ ދަށުން ހިންގާ ސަރަހައްދީ ޖަމިއްޔާއެކެވެ. އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގެ 11 ޤައުމެއް މި ޖަމިއްޔާގައި ހިމެނެއެވެ.

އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ. އެގޮތުން، މިހާރު އެކި މުއައްސަސާތަކުގައި ހުރި ކާރިސާތަކާ ބެހޭ މަޢުލޫމާތު އެއް ދިމާލަކުން ލިބޭނެ ގޮތް ހެދުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މުއައްސަސާތަކުގެ ގުޅުން ވަރުގަދަކޮށް، މަޢުލޫމާތާއި ޑާޓާގެ ބޭނުން ހިފުމަށް ބާރުއެޅުން އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، މެންބަރު ޤައުމުތަކަށް ބޭނުންވާ ތަމްރީންތައް ހިންގައި، އެ ޤައުމުތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް އަޕްޑިމުން ކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް