މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ސިޔާޒް، ރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކުރާ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް ޢައްޔަންކޮށްފިއެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ. އެ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި ޤާއިމުކޮށްފައިވާ އޮފީހެކެވެ.
އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް، އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން ހިމެނެއެވެ.
އަދި ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ގުޅޭ ކަންކަން ކުރުމާއި، ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމަކީ ވެސް އެ އޮފީހުގެ ޒިންމާތަކެކެވެ.
މީގެ އިތުރުން، ފިކުރީ މުދަލާ ގުޅޭ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތުތަކެކެވެ.





