މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ތިލަފުށީގައި ވަގުތީގޮތުން މުދާ ބޭލުން އެމްޕީއެލުން ފަށައިފި

މުދާ ހިފައިގެން އަންނަ ބޯޓުފަހަރު އަވަހަށް ފުރުވާލައި، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީ ބަނދަރުގައި ވަގުތީގޮތުން މުދާ ބޭލުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަޝްރޫއާ ގުޅުންހުރި ކަމަކަށް ނުވި ނަމަވެސް، ވިޔަފާރިވެރިންނަށް މުދާ ލިބުން ލަސްވާ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޢަލީ ހާޝިމް ވިދާޅުވީ، މާލޭ ބަނދަރުގެ ކީވޯލްގެ ދިގުމިނަކީ 101 މީޓަރު ކަމަށްވާތީ، އެއްފަހަރާ ކައިރިކުރެވެނީ އެންމެ ބޯޓަކަށް ކަމަށެވެ. އަދި ސްރީލަންކާގެ ބަނދަރުތަކުން ގިނަ އަދަދަކަށް ކާގޯ އަންނާތީ، މާލެ ކައިރީގައި ގިނަ ބޯޓުތަކަކަށް ކިއޫގައި މަޑުކުރަން ޖެހިފައިވާ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވި ގޮތުގައި، ތިލަފުއްޓަށް ބާލާނީ މުދާ އަޅާފައިވާ ކޮންޓެއިނަރުތައް އެކަނި ކަމަށާއި، އެތަނުން މުދާ ކްލިއަރ ކުރުމުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ނުދާނެއެވެ. ތިލަފުއްޓަށް ބާލާ މުދާ ބާޖު ނުވަތަ ކޮޅުވެއްޓި ފަދަ އުޅަނދުތަކުގައި މާލެއަށް ނުވަތަ ހުޅުމާލޭ ޕޯޓަށް ގެނެސް، ކުރިން އޮތް ގޮތަށް އެ ބަނދަރުތަކުން ކްލިއަރ ކުރާނެއެވެ.

އެމްޕީއެލުން ލަފާކުރާ ގޮތުގައި، މި އިންތިޒާމުގެ ސަބަބުން ބޯޓުފަހަރު ރާއްޖޭގައި މަޑުކުރަންޖެހޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް މަދުވެގެންދާނެއެވެ. 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު ހިފައިގެން އަންނަ ބޯޓެއް، ކިއޫގައި އޮންނަ ދުވަސްތަކާއެކު ހުސްކުރުމަށް އާންމުކޮށް 7 ދުވަހާއި 8 ދުވަސް ހޭދަވާއިރު، ތިލަފުށީގެ އޮޕަރޭޝަނާއެކު ގާތްގަނޑަކަށް 3 ދުވަހުގެ ތެރޭގައި ބޯޓު ހުސްކުރެވޭނެއެވެ.

އެގޮތުން ރޭ ތިލަފުށީ ބަނދަރަށް ކައިރިކުރި "ގެލީނާ" ބޯޓުގައި ހުރި 520 ކޮންޓެއިނަރު ބާލައި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ބޯޓު އަނބުރާ ފުރޭނެ ކަމަށް ލަފާކުރެވެއެވެ.

މިފަދަ ސައިޒުގެ ބޯޓަކަށް މުވައްޒަފުންގެ މުސާރައާއި ތެލާއި ފެނާއި އިންޝުއަރެންސް ހިމެނޭގޮތަށް ދުވާލަކު ގާތްގަނޑަކަށް 13،000 ޑޮލަރު ހޭދަވާއިރު، ގިނަ ދުވަސްތަކެއް ބަނދަރުގައި މަޑުކުރަން ޖެހުމުން ޖުމްލަ ޚަރަދު 75،000 ޑޮލަރާ ގާތްވެއެވެ. ނަމަވެސް ބޯޓު އަވަހަށް ފުރޭނަމަ މި ޚަރަދު ގާތްގަނޑަކަށް 38،000 ޑޮލަރަށް ކުޑަވާނެ ކަމަށާއި، ފްރޭޓް އަގުތައް ކަނޑައަޅަނީ މިފަދަ ޚަރަދުތަކަށް ބަލައިގެން ކަމަށްވާތީ ތަކެތީގެ އަގު ހެޔޮވުމަށް ވެސް މަގުފަހިވާނެ ކަމަށް އެމްޕީއެލުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ތިލަފުށީގައި މައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް