ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސަމީރަށް ރުހުން ދީފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން 1 ޑިސެމްބަރު 2026 ގައި ރިޓަޔާކުރައްވަން ހަމަޖެހިފައިވާތީ، ހުސްވާ މަޤާމަށް ސަމީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ސަމީރަށް ރުހުން ދިނުމަށް ވަނީ ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
ޢަލީ ސަމީރަކީ 2011 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުން ވަކިވެވަޑައިގަތުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ވެސް ސަމީރު ވަނީ ފުރުއްވާފައެވެ.





