ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރުން އެއްވެސް މުވައްޒަފަކަށް މަޖުބޫރެއް ނުކުރާނެ: މެންބަރު ފަލާޙް

އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބިރުވެރިކަމެއްގެ ތެރެއިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މިހާރުގެ ސަރުކާރުން އެއްވެސް މުވައްޒަފަކަށް މަޖުބޫރެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.

ފަލާޙް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ސަބަބުތަކާހުރެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ބިރުދައްކައިގެން ސިޔާސީ ހަރަކާތްތަކަށް މީހުން ބައިވެރިކުރުވުމުގެ އަމަލުތައް ހިނގާފައިވަނީ އެމްޑީޕީގެ ދެ ވެރިކަމުގައެވެ.

"އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބިރުވެރިކަމެއްގެ ތެރޭގައި މި ސަރުކާރަކުން، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކަށް އެއްވެސް މުވައްޒަފަކަށް މަޖުބޫރެއް ނުކުރައްވާނެ. އެފަދަ ކަންކަން ހިނގީ އެމްޑީޕީގެ ވެރިކަމުގައި. ދެ ފަހަރަށް ކުރި ދެ ދައުރުގެ ވެރިކަމުގައި ވެސް ކަންކަން ހިނގީ މި އުސޫލުން. ސިޔާސީ ހަރަކާތްތަކަށް މީހުން އެއްކުރުމަށް މަޖުބޫރުކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން،" ފަލާޙް ވިދާޅުވިއެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ބޮޑުވަމުންދާތީ އިދިކޮޅު ފަރާތްތަކުން ކުރާ ފާޑުކިޔުންތަކަށް ވެސް ފަލާޙް ވަނީ ރައްދުދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް