ސްޓޭޓް ފާމާއިން މިހާތަނަށް އަސާސީ ބޭހުގެ 300 އެއްހާ ބޭސް އެތެރެކޮށްފި: މިނިސްޓަރު ޤީލާ

ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން މިހާތަނަށް އަސާސީ ބޭހުގެ 300 އެއްހާ ބޭސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޤީލާ ވިދާޅުވީ، ބޭސް ލިބުމުގައި ރައްޔިތުންނަށް ދިމާވަމުން އައި ދަތިތަކަށް ޙައްލު ގެނައުމަށް ސްޓޭޓް ފާމާ އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

"ބޭހުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށްޓަކައި މިހާތަނަށް ވެސް ސްޓޭޓް ފާމާއިން ވަނީ އަސާސީ ބޭހުގެ 300 އެއްހާ ބޭސް ރާއްޖެ އެތެރެކޮށްފައި. އަތޮޅުތެރޭގައި ހުރި ބޭސްފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރެވި އަތޮޅުތެރެއަށް ވެސް މި ބޭސްތައް ލިބޭނެ މަސައްކަތް ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން އަމިއްލަ ފަރާތްތަކުން ފޯރުކޮށްދެމުން އައި ބޭސް ހިމެނޭ ގޮތަށް، މިހާރު އެ ހުރިހާ ބޭހެއް ރާއްޖެ އެތެރެކޮށް ފޯރުކޮށްދެނީ ސްޓޭޓް ފާމާއިން ކަމަށް ވެސް ޤީލާ ވިދާޅުވިއެވެ.

މެދުނުކެނޑި ބޭސް ލިބޭނެ ދެމެހެއްޓެނިވި އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޓް ފާމާއިން ތިން ކުންފުންޏަކާއެކު އެއްބަސްވުންތައް ވެސް ވަނީ ހަދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް