ހުޅުމާލެ ފޭސް ދޭގައި ގާއިމުކުރަން ހަމަޖެހިފައިވާ 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަށް އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައިވާ ކަމަށާއި، ހޮސްޕިޓަލް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ. އެގޮތުން ޓެކްނިކަލް ރިކުއަރމަންޓްސް ކަނޑައެޅުމާއި، ޚިދުމަތްތައް ޕްލޭންކުރުމާއި، އިންޖިނިއަރިން ފަރުމާތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މި ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ ފަރުވާތަކާއި ކެންސަރު ބަލީގެ ފަރުވާގެ އިތުރުން، ސުޕަ ސްޕެޝަލިޓީ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސުވާލު ކުރައްވަމުން ޝަމްހީދު ފާހަގަކުރެއްވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ އެ ސިޓީގެ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއާއި، ހުޅުމާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕުން ޚިދުމަތް ހޯދުމުގައި ހިނގާ ޚަރަދުތައް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ ވެސް މެންބަރު ސުވާލުކުރެއްވިއެވެ.





