ކަސްޓަމްސް މެދުވެރިކޮށް ލިބޭ އާމްދަނީ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކޮށް، އެ އާމްދަނީ ހޯދުމުގެ މަސައްކަތް މާލީ ވުޒާރާއަށް ބަދަލުކުރުމަށް، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
ބިލުގައި ބުނެފައިވާ ގޮތުން، މި ބިލުގެ ބޭނުމަކީ ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ބަލައިގަތުމާއި، ހިސާބުކުރުމާއި، ރިޕޯޓުކުރުމުގެ ކަންކަން ހިނގަނީ ދައުލަތުގެ ފިސްކަލް ސިޔާސަތާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ. ކަސްޓަމްސްގެ ޤަވާއިދުތައް އެކުލަވާލުމާއި، ކަމާ ގުޅޭ އިރުޝާދުތަކާއި ސަރކިއުލަރތައް ނެރުމުގައި މާލީ ވުޒާރާގެ ދައުރު ކަނޑައެޅުމަކީ ވެސް ބިލުގެ މަޤްސަދެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ކަސްޓަމްސްގެ ބަޖެޓު ހުށަހަޅަންވާނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ ލަފައާއެކު ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މުދަލުގެ އަގު ކަނޑައެޅުމުގެ ޤަވާއިދުތައް އެކުލަވާލުމުގައާއި، އިމްޕޯޓް ޑިއުޓީއާއި އެނޫން ފީތައް ބަލައިގަތުމާއި، އެ ފީތަކުން ލުއި ނުވަތަ އިސްތިސްނާ ދިނުމާއި، ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގައި މާލީ ވުޒާރާގެ ލަފާ ހޯދަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކަސްޓަމްސްގެ އާމްދަނީގެ މަސްއޫލިއްޔަތުތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމުން ތަންފީޒީ މަސައްކަތްތައް ހަރުދަނާވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައި ފާހަގަކޮށްފައެވެ. އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ބަދަލުތަކުގެ ތެރޭގައި މި ބަދަލު ވެސް ހިމެނެއެވެ.





