ސަރަހައްދުގެ ސަލާމަތަށް ރާއްޖޭގެ ދިފާއީ ޤާބިލުކަން އިތުރުކުރުން މުހިންމު: ޑިފެންސް މިނިސްޓަރު

ސަރަހައްދީ ސަލާމަތަށްޓަކައި ރާއްޖޭގެ ދިފާއީ ޤާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ޤައުމީ ދިފާއީ ބާރު ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ދިފާއާއި ވަޠަނީ ޚިދުމަތާ ބެހޭ މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވިލާ ނޯޓިކާގައި ބޭއްވި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާއީ ބާރު ޒަމާނީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުގެ ދިފާއަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި، އިންޑިއާ ކަނޑަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިންގާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ސަރަހައްދުގެ ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ޤާބިލުކަން ޤައުމެއްގައި ހުރުމަކީ، މުޅި ސަރަހައްދުގެ އަމާންކަމާއި ސަލާމަތަށް އެޅޭ ބާރަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން އިންޑިއާ ކަނޑާ މެދު ދެކޭ ތަޞައްވުރަކީ، މި ސަރަހައްދަކީ ހުރިހާ ޤައުމުތަކަކަށް ވެސް އަމާން، ހަމަޖެހޭ އަދި ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ދެމި އޮތުން. އަދި ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލާންވާނީ އެންމެން ހަމަހަމަ ބައިވެރިންގެ ގޮތުގައި ތިބެ، އިޙްތިރާމާއި އިތުބާރާއެކު އެއްބާރުލުން ދީގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި އަދި ޓެރަރިޒަމް ފަދަ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކަކީ ޤައުމުތަކުގެ ސަލާމަތަށް ހުރި ބޮޑެތި ނުރައްކާތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާތަކަކީ ދުރުގައި އޮތް ބިރެއް ނޫން ކަމަށާއި، އެއީ އަބަދުވެސް ކުރިމަތިވަމުން އަންނަ ނުރައްކަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ދިފާއީ، ޤާނޫނު ތަންފީޒުކުރާ އަދި ކާރިސާތަކަށް އިޖާބަދޭ އިދާރާތައް ގުޅިގެން މަސައްކަތްކުރާ ވަށާޖެހޭ ނިޒާމެއް ރާއްޖޭގައި ހަރުދަނާކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް