ސިއްހީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން 26 މަޝްރޫއެއް ނިންމައި، އަލަށް 17 މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިއްހީ ދާއިރާގެ އުމްރާނީ މަޝްރޫއުތަކާ ބެހޭ ގޮތުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާގައި މިހާރު 200 އަށްވުރެ ގިނަ އުމްރާނީ މަޝްރޫއު ކުރިއަށްދާއިރު، އޭގެ ތެރެއިން 150 އަށްވުރެ ގިނަ މަޝްރޫއަކީ މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކެވެ.
ސިއްހީ ދާއިރާއަށް ހޭދަކުރުމަށް 5.98 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ބަޖެޓެއް ފާސްކޮށް، ސަރުކާރުން ވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި މުޅިން އާ 30 ހޮސްޕިޓަލާއި 24 ސިއްހީ މަރުކަޒާއި 4 ޓާޝަރީ ހޮސްޕިޓަލުގެ އިތުރުން، އަޕްގްރޭޑްކުރުމުގެ 90 މަޝްރޫއު ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ސިއްހީ ދާއިރާއަށް ކޮށްފައިނުވާ ވަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.





