އަނިޔާ ލިބޭ އަންހެނުންނާއި އަންހެން ކުދިންނަށް ފުރިހަމަ ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ، ކުށްކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުށްކުރުމަށްފަހު އަދަބެއް ނުލިބި ބަރީއަވެގެން ތިބުން ނިމުމަކަށް ގެނައުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމީ ފެންވަރުގެ ޕްރޮގްރާމްތަކުގެ ތެރެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަނިޔާގެ މައްސަލަތައް ރިޕޯޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުން ދެވޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަނިޔާ ލިބޭ ކޮންމެ މީހެއްގެ ކަރާމާތް ރައްކާތެރިކޮށް އަވަސް އިންސާފު ހޯދައިދިނުމަށްޓަކައި، ކަމާބެހޭ އިދާރާތަކާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އިތުރުން ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަނިޔާ ހުއްޓުވުމަށް އެންމެ އިސްކަމެއް ދޭއިރު، އަންހެނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި އެކަނބަލުން ބާރުވެރިކުރުވުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށްވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެފައިވާ އަމާން މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ނޮވެންބަރު 25 ގައެވެ. މި ދުވަހުން ފެށިގެން ޑިސެމްބަރު 10 ގައި ފާހަގަކުރާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ހަމައަށް، އަނިޔާއާ ދެކޮޅަށް އަޑުއުފުލާ 16 ދުވަހުގެ ކެމްޕޭނެއް ދުނިޔޭގައި ކުރިއަށް ގެންދެއެވެ.





