ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކާ ބެހޭ ގޮތުން ބާ ކައުންސިލުން ގެނައި އިސްލާހުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ކުރި ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ފިޒާނާ ވިދާޅުވީ، ކޮމިޓީން އެ ނިންމުން ނިންމިއިރު އެމްކިއުއޭގެ ބަހެއް ހޯދާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލާއިރު ބާ ކައުންސިލުގެ ނިންމުމަކީ ޤާނޫނީ ކޯސްތައް ނިންމާ ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ނިންމި ރަނގަޅު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބާ ކައުންސިލުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހެދުން ލާޒިމުކޮށްފައެވެ. އެ އުސޫލު މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހިނގާ ގޮތަށް ހަމަޖެހިފައި ވަނިކޮށް، ކޮމިޓީން ނިންމީ އެ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށެވެ.
ކޮމިޓީގެ ބައެއް މެންބަރުންގެ މަސްލަހަތު ފުށުއަރާތީ ވެސް ފިޒާނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބާ ކައުންސިލުގެ ނިންމުމަށް ބަދަލު ގެނައި ކޮމިޓީގައި ޤާނޫނީ ދާއިރާއިން ކިޔަވަމުން ގެންދަވާ ދެ މެންބަރަކު ތިއްބެވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ކޮންފްލިކްޓް އޮފް އިންޓްރަސްޓް އެނގެން ވާނީ ވެސް ލޯ ކިޔަވާ އަދި ގާނޫނު ހަދާ ފަރާތްތަކަށް،" ފިޒާނާ ލިޔުއްވާފައިވެއެވެ.





