ހުވަދޫ ކަނޑުގައި ދޯންޏެއް ބަންޑުން ޖެހި ގެއްލުނު ސިފައިންގެ ސާޖަންޓް ނިޔާވި ކަމަށް ކަނޑައަޅައިފި

މިދިޔަ އޮގަސްޓް މަހު ހުވަދޫ ކަނޑުގައި ސަޕްލައި ދޯންޏެއް ބަންޑުން ޖެހި ގެއްލުނު ތިން މީހުންގެ ތެރެއިން، ދިވެހި ސިފައިންގެ ސާޖަންޓް، ގދ. ތިނަދޫ، އޯޝަންމީޑް، 39 އަހަރުގެ އިބްރާހިމް އަޙްމަދު ނިޔާވި ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.

ކަށުނަމާދު ޕޭޖުން މިއަދު ހާމަކުރި ގޮތުގައި، "ޖެލީ އިއްބެ"ގެ ނަމުން ދަންނަ އިބްރާހިމް އަޙްމަދުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މި މަހުގެ 27 ވާ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް)ގައެވެ. އޭނާ ނިޔާވި ތާރީޚުގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓް 5 ވަނަ ދުވަހެވެ.

އިބްރާހިމް އަޙްމަދު ގެއްލުނީ އޮގަސްޓް 5 ވަނަ ދުވަހު ހުވަދޫ ކަނޑަށް އަޑިއަށް ގޮސް ބަންޑުން ޖެހި ސަޕްލައި ދޯންޏާއި މުދާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ފުލުހުންގެ ސާޖަންޓަކާއި ދޯނީގެ ކެޕްޓަން ވެސް ވަނީ ގެއްލިފައެވެ.

ގެއްލުނު މީހުން ހޯދުމަށް ދިވެހި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުވަދޫ ކަނޑާއި ކައިރީގެ ފަރުތައް ބެލި ނަމަވެސް، އެމީހުން ފެނިފައެއް ނުވެއެވެ. އެ މަސައްކަތުގައި ސިފައިންގެ މަތިންދާބޯޓާއި ޑްރޯންތަކާއި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކުރި އިރު، ސަރުކާރުގެ އެދުމަށް އެމެރިކާ ނޭވީގެ މަތިންދާބޯޓެއް ވެސް ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.

ދޯނި ފެތިފައިވާ ސަރަހައްދުގެ ފުންމިން 1،600 މީޓަރަށްވުރެ ގިނަ ކަމަށް ބެލެވޭތީ، ގެއްލުނު މީހުން ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް ސިފައިން ކުރިން ވަނީ ބުނެފައެވެ.

ގެއްލޭ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.

އިބްރާހިމް އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި 120 މީހުންނަށް ޖާގަ ހުންނަ މިސްކިތެއް ބިނާކުރުމަށް 300،000 ރުފިޔާ ހޯދުމަށް، ތިނަދޫގައި އިޖުތިމާއީ މަސައްކަތްތައް ކުރާ "ލޮކާސް"އިން މި މަހުގެ 15 ވަނަ ދުވަހު ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް