އެއާކާގޯއިން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވައިގެން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ގެނައި ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، ވެށި، މުޙައްމަދު ޒިޔާދު (28އ) އާއި ސ. މަރަދޫފޭދޫ، ނިލަމެހިގެ، އިސްމާޢީލް ނަޞީރު (45އ) އެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެއާކާގޯއިން ގެނައި މުދަލުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަތުލައިގަތުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





