ޒުވާނުންގެ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން: މިނިސްޓަރު ރާފިޢު

ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސްގައި ޒުވާނުން ހުށަހެޅި ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒުކުރަން ބޭނުންވާ ކަމަށާއި، އެ ހުށަހެޅުންތަކަކީ ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސަތުތަކުގެ އެންމެ މުހިންމު ބައި ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މާލޭ ޔޫތު ހަބުގައި ބޭއްވި މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މިހުރިހާ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެންގެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސަތުތަކުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން ތިޔަ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީގޮތުން މިކަންކަން ތަންފީޒުކުރަން،" މިނިސްޓަރު ރާފިޢު ވިދާޅުވިއެވެ.

ކޮންފަރެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެވި، އެމީހުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ވުޒާރާގެ ސިޔާސަތުތައް އެކުލަވާލާނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން ކަމަށާއި، އެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި މި މަޝްވަރާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލެވުނީ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށާއި، ޒުވާނުން ހިތްވަރާއެކު ކެރިގެން އެމީހުންގެ އަޑު އިއްވައިދިނީތީ ފަޚުރުވެރިވެލައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ކޮންފަރެންސް ޚާއްޞަކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުން މައިގަނޑު ބައިވެރިން ކަމުގައި ހެދުމަކީ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް