ނަފްސާނީ މައްސަލަތަކުގައި އެހީ ހޯދުމަށް ފަސްނުޖެހުމަށް މެޑަމް ސާޖިދާ ޒުވާނުންނަށް އިލްތިމާސްކުރައްވައިފި

ޒުވާނުންނާއި ކިޔަވާ ކުދިންގެ މެދުގައި ދިމާވާ ނަފްސާނީ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ޔޫތުހަބްގައި ބޭއްވި "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަފްސާނީ މައްސަލަތައް ދިމާވުމުން އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި، ނަފްސާނީ އެހީތެރިކަން ހޯދުމުގައި ލަސްކޮށްގެން ނުވާނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ފަރާތްތަކާ ހިއްސާކޮށް، ލަސްނުކޮށް ފަރުވާ ހޯދުމަށް އެކަމަނާ ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ދަތި ދަނޑިވަޅުތައް ކުރިމަތިވާނެ ކަމަށާއި، ނާއުއްމީދުތަކާ ކުރިމަތިލާން ދަސްކުރަންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ދިރާސާތަކުން ފެންނަ ގޮތުގައި، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖެއްގެ ކިބައިގައި ސިއުސައިޑަލް ވިސްނުންތައް ހުންނަ ކަމަށާއި، ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ފަދަ އިހުސާސްތައް ކުރާ ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ނަފްސާނީ ދުޅަހެޔޮކަމަށް ޞިއްޙީ ނަޒަރުގެ އިތުރުން ދީނީ ގޮތުން ވެސް ބަލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް