ދައުލަތާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސްއިން ކުރި ދައުވާގައި ދަށު ކޯޓުތަކުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ފޯރުކޮށްދިން ސާމާނުގެ އަގުގެ ގޮތުގައި ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 2 މިލިއަން ޑޮލަރު ދައުލަތުން ދައްކަން ސިވިލް ކޯޓާއި ހައިކޯޓުން ކުރި ހުކުމްތައް، ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތި ކުރި ހުކުމްތަކެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި ދައުވާ ސިވިލް ކޯޓުގައި ހުށަހަޅާފައިވަނީ، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހެލްތު ސެންޓަރުތަކަށް ފޯރުކޮށްދިން ސާމާނުގެ ފައިސާ ދައުލަތުން ނުދައްކާ ކަމަށް ބުނެ، ސެންޓަ އެންޓަޕްރައިސަސްއިންނެވެ.

އެ ކުންފުނިން ސާމާނުގެ އަގުގެ އިތުރުން ޖޫރިމަނާގެ ފައިސާ ވެސް ހޯދައިދިނުމަށް އެދުނު ނަމަވެސް، ސިވިލް ކޯޓުން ހުކުމްކުރީ ޖޫރިމަނާގެ ފައިސާ ނަގައިނުދީ، 2 މިލިއަން ޑޮލަރު ދައުލަތުން ދައްކަންޖެހޭ ކަމަށެވެ. އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓަށް އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

ދެން ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމާއި، އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް ހުކުމްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް