އޮފީހަކުން 1.25 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ރ. މަޑުއްވަރީގެ ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ އޮފީހަކުން ފައިސާ ވަގަށް ނެގި މައްސަލައެއްގައި ރ. މަޑުއްވަރީގެ ތިން މީހަކު ހައްޔަރުކޮށް، މީގެ ތެރެއިން 31 އަހަރުގެ ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އޮފީހުން ވަގަށް ނަގާފައިވަނީ ޖުމްލަ 1,252,505 ރުފިޔާއާއި 11,470 އެމެރިކާ ޑޮލަރު ކަމަށެވެ. ހައްޔަރުކުރި މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، 1,093,122.25 ރުފިޔާއާއި 8,845 އެމެރިކާ ޑޮލަރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31)، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32) އެވެ. އަޙްމަދު ނާޡިމް ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި، އަނެއް ދެ މީހުން ހައްޔަރުކުރީ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، އެ އޮފީހުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށްފަހު ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައިގެން ތުހުމަތުކުރެވޭ މީހުން ދެނެގަނެވުނީއެވެ.

ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޞަބާޙްގެ ބަންދަށް 30 ދުވަސް ޖަހައިދީފައިވާއިރު، ޢާއިޝަތު ނަޝާޔާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް