އެޗްޑީސީން 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 50 ރަށެއްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު އައުޓްޑޯ ޖިމް ހަދައި ނިންމާލައިފިއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެޗްޑީސީއާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން ނިންމާލި ޖިމްތަކެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓް 19 ގައެވެ.

އެޗްޑީސީން ބުނީ، ބާކީ ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ބައެއް ރަށްތަކަށް އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، މަރާމާތުކުރަން ޖެހޭ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މީހުންނަށް ބާރުއެޅުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް